ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒު ޙާޒިރުކޮށްފިއެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ރިޔާޒު ހާޒިރު މިކުރީ އިއްޔެ ބާއްވަން އޮތް ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ މައްސަލާގައެވެ. ރިޔާޒާއެކު ދެފުލުހަކު ހާޒިރުވިއެވެ.
އެމްޑީޕީއަށް ތާއިދު އޮންނަ ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު މުގައްރިރު ރޮޒައިނާ އަދަމާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާ މަނިކާއި ތޮއްޑޫ ދާއިރާގެ މެމްބަރ އަލީވަހީދާއި ދިއްދޫ ދާއިރާގެ މެމްބަރ އަހުމަދު ސަމީރުއެވެ.
ކޮމެޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ އިއްޔެ ބާއްވަން އޮތް ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވާފައިނުވާކަމަށެވެ. ހުއްޓުވުމަށް ކުރިކަމެއް ނޭނގޭކަމަށާއި އެކަން ސާފުކުރުމަށް އިލެކްޝަންސް ކޮމިޝްނ (އީސީ) އަށް ސިޓީއެއް ފޮނުވާނެކަމަށެވެ.
ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މަޖިލިސް ކައިރީގައި ބަޔަކު ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ. އެމީހުން ގޮވުމަކަށްވަނީ ވޯޓްލުމުގެ ހައްގު ހޯދައިދިނުމެވެ.
No comments: