އެއަރސަރވިސަސް ޓީވީ އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޕޮޓްގައި ދިވެހި އެއަރޓްރެފިކް ކޮންޓްރޯލަރުން - ސްނިޕް ފޮޓޯ |
މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަސް އެއަރޓްރެފިކް ކޮންޓްރޯލަރސް ޑޭ ގެ ގޮތުގައި ފާހަގަކުރަން ފަށާފައިވަނީ ދުނިޔޭގެ ފެންވަރުގައި މުސާރަ އެންމެ ބޮޑު ވަޒީފާގެ ތެރޭގައި ހިމެނޭ އެއަރޓްރެފިކް ކޮންޓްރޯލަރުން ކުރަމުން އަންނަ ބުރަ އަދި ބިޒީ ވަޒީފާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
މި ދުވަސް ފާހަގަކުރަން އިސްނަގާފައިވަނީ ބައިނަލްއަޤްވާމީ އެއަރޓްރެފިކް ކޮންޓްރޯލަރުން ހިއްސާވާ 137 ގައުމު ހިމެނޭ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެއަރޓްރެފިކް ކޮންޓްރޯލަރސް އެސޯސިއޭޝަން 'އައިފަޓްކާ'ޖަމިއްޔާއިންނެވެ.
ރާއްޖޭގައި މިދުވަސް ފާހަގަކުރުމުގެ ގޮތުން ކަމާބެހޭ އެއްވެސް ފަރާތަކުން އެއްވެސް ހަރަކާތެއް ނުހިންގާއިރު ރާއްޖޭގެ އެއަރޓްރެފިކް ކޮންޓްރޯލަރުންނަށް ދޭ މުސާރައާއި އިލަވަންސް އަދި ވަޒީފާގެ ކުރިއެރުމާއި ތަމްރީނު ދިނުންފަދަ ކަންކަން ކަމާބެހޭ އެއްވެސް ފަރާތަކުން އަހައްމިއްޔަތުކަމެއް ނުދެއްވާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން އެއަރޓްރެފިކް ކޮންޓްރޯލަރުން ދުވަސްދުވަސްކޮޅުން އިހްތިޖާޖްކުރުން މިފަހަކަށް އައިސް ޢާއްމުވާން ފަށާފައިވެއެވެ.
މީގެ މަހެއްހާދުވަސް ކުރިންވެސް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ އެއަރޓްރެފިކް ކޮންޓްރޯލަރުން ވަނީ ވަޒީފާއަށް ނުނިކުމެ އިހްތިޖާޖްކޮށްފަ އެވެ.
އެއަރޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތަކީ އެއް މަތިންދާ ބޯޓް އަނެއް މަތިންދާ ބޯޓާއި ޖެހުނަނުދިނުމާއި ރަންވޭ އާއި އޭޕްރަން ސަރަޙައްދުގައި އެއްބޯޓް އަނެއް ބޯޓާއި ޖެހުނަނުދިނުމަށް ޕައިލެޓުންނަށް އިރުޝާދު ދީ ބޯޓްތައް ދުއްވުމަށް އެހީތެރިވެދޭ ޚިދުމަތެކެވެ. މީގެ އިތުރުން ރަންވޭ، އޭޕްރަން ސަރަޙައްދުގައި ޙަރަކާތްތެރިވާ ވެހިކަލްއާއި މީހުން އަދި ބޯޓްގެ ބައެއް ޖެހިދާނެފަދަ ތަކެތިން (މިސާލަކަށް ހޮޅިދަނޑި (ލައިޓް ޕޯސްޓް) ފަދަ ތަކެތީގައި ޖެހުނަނުދިމަށް އިރުޝާދު ދިނުމާއި ވައިގެތެރޭގައި ޓްރެފިކް ވަކި ތަރުތީބަކުން ދައުރުކުރުވުމުގައި ޙަރަކާތްތެރިވާ ބިޒީކޮށް (ވަދިކޮށް) ކުރާ މަސައްކަތްތަކެއް ހިމެނޭ ޚިދުމަތެކެވެ.
މިއަހަރުގެ އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ދުވަހާއި ގުޅިގެން 'އެއަރ ސަރވިސަސް ޓީވީ' އިންވަނީ ވީޑއޯ ސްޕޮޓެއް ތައްޔާރުކޮށްފައެވެ. މި ވީޑިއޯގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އެއަރޓްރެފިކް ކޮންޓްރޯލު އޮފިސަރުންގެ ޝުޢޫރު ހިމަނާފައިވާއިރު ރާއްޖޭގައި މަސައްކަތްކުރާ ރާއްޖޭގެ ކޮންޓްރޯލަރުންގެ ޝުޢޫރުވެސް ހިމަނާފައިވެއެވެ.
ލ. އަތޮޅަށް ނިސްބަތްވާ ތިން އެއަރޓްރެފިކް ކޮންޓްރޯލަރުން މިވަގުތު ރާއްޖޭގެ އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ދެ ކޮންޓްރޯލަރުން ކައްދޫގައި ދާއިމީކޮށް މަސައްކަތްކުރަމުން ގެންދެއެވެ. މީގެ އިތުރުން އެމްއެންޑީއެފް އިން ތަމްރީންކޮށްފައިވާ ކޮންޓްރޯލަރެއްވެސް ހިމެނެއެވެ.
އެއަރސަރވިސަސް ޓީވީ އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޕޮޓް
No comments: